މި ސަރުކާރު ވެގެންދާނީ، މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނެ ސަރުކާރަށް ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އަރުވައިފިއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވިސްނާފައި ވަނީ އިންތިހާބު އައިސް ބޯމަތިވުމުން ކަމަށެވެ. އެގޮތުން އިންތިހާބު ކައިރިވުމުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބިންގާ އެޅުން ފަދަ ކަންކަން ކުރީގެ ވެރިން ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
”އިންތިހާބު ނިމޭއިރުގައެއް، އެތަންތަނެއް މީހުންނަކަށް ނުއެއް ދެވޭ. މީ، މި ވޭތުވެދިޔަ ދެ ސަރުކާރުން ވެސް ފެނިފައި އޮތް ހަގީގަތް.“ ރައީސް ވިދާޅުވިއެވެ.
ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެކަން އެގޮތަށް ނުކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައިފައިވާނެ ކަމަށާއި، މަސައްކަތް އަވަހަށް ފެށޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް ހިއްކައި، ނުނިންމައި ހުރި ފްލެޓުރައް ނިންމުމުގެ މަސައްކަތް ވެސް މި ސަރުކާރުން ދިޔައީ ކުރަމުން ކަމުގައެވެ.
ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މާލޭ ސަރަހައްދުގައި ހައުސިން މަޝްރޫއު ހިންގަން މި ވަގުތަށް މިނިސްޓްރީއަށް ބިން ލިބިފައި ވަނީ 10،700 ފްލެޓް އެޅޭ ވަރަށްކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދާދި ފަހުން ވިދާޅުވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓަރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމުގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި އެޗްޑީސީއާ މަޝްވަރާކޮށްގެންނާއި މާލޭގައި ހުރި ބިންތަކުން ވެސް ހައުސިން އެޅުމަށް ނެގޭނެ ބިންތައް ބަލައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

