ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމް ދީނުގެ ހުކުމްތަކާ ދެކޮޅަށް ދައްކަވާފައިވާ އެކި ވާހަކަތަކަށް އޭނާ ތައުބާވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ނަޝީދަށް ގޮވާލެއްވި ކަމީ ދުރު ނޫން މާޒީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމެވެ.
ދީނީ އިލްމުވެރިން މިކަމަށް އެދި ގޮވާލައްވާފައި ވަނީ ”ރައީސް ނަޝީދާ މެދު ދީނީ އިލްމުވެރިންގެ ބަސް“ މިނަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި ނެރެފައިވާ ފޮތެއްގައެވެ.
އެ ފޮތުގައި ރާއްޖޭގެ 64 ދީނީ އިލްމުވެރިޔަކު ވިދާޅުވެފައި ވަނީ ”އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިސްލާމް ދީނާ ހިލާފަށް ކުރައްވާފައިވާ މި އަމަލުތަކަށް އިންކާރުކޮށް، އޭނާ މި ކަންތައްތަކުން އެއްކިބާވެ، ހައްގުގެ މަގަށް ރުޖޫއަވުމަށް“ އިލްތިމާސް ކުރައްވާ ކަމަށެވެ.
އިސްލާމް ދީނުގެ ހުކުމްތަކާ މެދު ނަޝީދުގެ އަގީދާ އިސްލާހު ކުރުމަށާއި މާތް ﷲ އަށް ބިރުވެތިވެ، އަވަހަށް ތައުބާވުމަށް އެދި އިލްތިމާސްކުރާ ކަމަށް މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗުން އެކުލަވާލި 48 ސަފުހާގެ ފޮތުގައިވެއެވެ.
64 އިލްމުވެރިއެއްގެ ބަސް ހިމެނޭ ގޮތަށް ޝާއިއުކޮށްފައިވާ އެ ފޮތުގައި ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު އިސްލާމްދީނުގެ ހުކުމްތަކާއި ރާއްޖޭގެ ދީނީ އިލްމުވެރިންނާ ހިލާފަށް ކުރައްވަމުން ގެންދެވި ކަންކަމުގެ ވާހަކަތައް ވަރަށް ތަފުސީލްކޮށް ލިޔެފައިވެއެވެ.
އިސްލާމީ ޝާރީއަތާއި އަގީދާ ނެގެހެއްޓުމުގެ ބަދަލުގައި ނަޝީދު ފެނިގެން ދިޔައީ ރަސޫލާ (ސ.އ.ވ)ގެ ސުންނަތްތަކަށް އަދި އުއްމަތުގެ އިޖުމާއުން ސާފުކޮށް ފެންނަން ހުރި ހުކުމްތަކަށް ކުޑައިމީސް ބަސްބުނެ، އެކަން ކަމަށް އިންކާރުކޮށް އޭގެ މައްޗަށް އަމިއްލަ ހިޔާލު އިސްކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައި ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.
އިސްލާމީ ޝަރީއަތުގައި ކަނޑައަޅައިފައިވާ ހުކުމްތައް އެގޮތުގައި އޮތުމަށް އެދިވަޑައިނުގަންނަވާކަން ރޭޑިއޯ ހިތާބުތަކުގައްޔާއި އެހެނިހެން ތަންތަނުގައި ޖެހިލުމެއް ނެތި ނަޝީދު ފާޅުކުރައްވަމުން ގެންދެވިކަމާއި، މިއިން ކޮންމެ ވަގުތެއްގައި ވެސް އިލްމުގެ އަހުލުވެރިން ވަނީ އެކަންކަން އެގޮތަށް ނުކުރުމަށް ހަނދާންކޮށްދެއްވައި ނަސޭހަތްތެރިވެފައިކަން އެ 64 އިލްމުވެރިން ފާހަގަކުރެއްވިއެވެ.
އެ ފޮތުގައި މައިގަނޑު ގޮތެއްގައި އިލްމުވެރިން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ޣައިރު ދީނުގެ މީހުންނަށް އަޅުކަންކުރާނެ ތަންތަން އެޅުމުގެ ވިސްނުން ނަޝީދު ގެންގުޅުއްވި ކަމާއި އިސްލާމީ ޝަރީއަތުގައިވާ ގިސާސް ހިފުމުގެ އަދަބު ކަނޑައެޅުމަށް އިންކާރުކުރައްވައި ނަޝީދު ދައްކަވާފައިވާ ވާހަކަތައް ހިމެނެއެވެ.
އަދި އިސްލާމީ ޝަރީއަތުގައި ސާފުކޮށް ކަނޑައަޅާފައިވާ ހުކުމްތަކާ މެދު ބަހުސްކޮށް އެ ހުކުމްތަކުގެ ހުރުމަތާއި ގަދަރު ކުޑަކުރެއްވުމަށް ނަޝީދު މަސައްކަތް ކުރައްވުން ހިމެނޭ ކަމަށް ވެސް އިލްމުވެރިން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމްދީނުގެ ދިފާއުގައި، ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވި އެއްވުންތައް ވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ”23 ޑިސެމްބަރު މުޒާހަރާ“އެވެ.
އެމްޑީޕީ އުފައްދަން އުޅުނުއިރު އެކަމުގެ މަގުސަދާ ބެހޭ ގޮތުން އޭރު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރަށް ނަޝީދު ދެއްވި ޖަވާބުގައި ދީނީ މީހުންގެ ބާރު ކަނޑުވާލުމަކީ މަގްސަދެއް ކަމުގައި ނަޝީދު ވިދާޅުވި ކަމަށް އޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
މީގެއިތުރުން އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި، ޑެންމާކުގައި ދެއްވި ތަގުރީރެއްގައި ޤުރުއާނާއި ސުންނަތް ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވުން ފަދަ ކަންކަމަކީ ނަޝީދުގެ ވެރިކަމުގައި އޭނާއަށް ”ލާދީނީ“ ޓެގް ލިބި، އާއްމުންގެ ނުރުހުން އަމާޒުވެގެން ދިޔަ ބައެއް ކަންކަމެވެ.

ތިޔަ އިލްމްވެރިންގެ ބަހަށް ބަޔަކު ހެއްލި އަދި ”އަންދަލުސް“ ނަމުގަ ދިން ސިޔާސީ ތަގުރީރުގެ އަވާގަ ޖެހުމުގެ ނަތީޖާގެ ހިތިކަން 2013ގަ އުފެދުނު ސަރުކާރުގަ ކަަންކަން ވެގެންދިޔަ ގޮތާއި އަދި މިއަދާހަމައަށްވެސް މިރާއްޖޭގެ ކަންކަން ހިނގަމުން މިދާ މަގަށް ނަޒަރު ހިންގާލާށެވެ. ދެން އަނެއްކާ ތިޔަމަޅީގަ އަހަރެމެން ޖެހޭކަށް ނެތީމުއެވެ.
ހިތާމަކީ އަދިވެސް ތައުބާނުވެ، މީނަގެ ލާދީނީކަން އަދިވެސް ދަނީ ކުރިއަށެވެ. މީނާގެ ސަބަބުން އެމްޑީޕީ އަށް ވެސް އެތަކެއް ބަޔެއްގެ ސަޕޯޓް ދަނީ ގެއްލެމުންނެވެ. އެ ޕާރޓީގެ އަގުދަނީ ވެއްޓެމުންނެވެ. މީނަ އެޕާރޓީއިން ދުރުކުރަން އެބްޖެހެއެވެ.