މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިވެހިރާއްޖެއިން ފުރާ ހައްޖާޖީންގެ ފުރަތަމަ ގުރޫޕު މިއަދު މެންދުރުފަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ފްލައިޓުގައި 235 ހައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ސައުދީ އެއާލައިނުގައި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ 15:25 ގައެވެ.

މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ. އެގޮތުން ހައްޖުވެރިން ފުރުމަށްޓަކައި ރާއްޖޭގައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، ދިވެހި ހައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން މައްކާގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

އޭގެ ތެރޭގައި ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި އަދި މިނާއާއި އަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ އިންތިޒާމުތަކެއްވެސް މުތައްވިފާއި ގުޅިގެން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި މައްކާގައި ކުރިއަށްދާ މި މަސައްކަތްތައް ދިވެހި ހައްޖު މިޝަނުން ގާތުން ބަލަމުންދާއިރު، ހައްޖުވެރިންނާއި ގުޅޭ އެކިކަންކަމުގައި މަޝްވަރާ ކުރުމަށް ހައްޖު މިޝަނުން ސައުދީ އަރަބިއްޔާގެ އެކި އިދާރާތަކާއި ބައްދަލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ސައުދީގެ ހައްޖާއި އުމްރާ ވުޒާރާ ފާހަގަކޮށްލެވެއެވެ.

މި އަހަރަކީވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ހިދުމަތްތަކެއް ދެވިގެންދާނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.