މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަންތަކުގައި ރާއްޖޭގެ ދީނީ ސިޔާސަތު އޮތްގޮތް ހަނދާން ނެތޭހައި ދުވަސް އަދި ނުވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދީނީ ސިޔާސަތު އޮތްގޮތް ރައްޔިތުނަށް ހަނދުމަކޮށްދެއްވައިފައެވެ.
އެގޮތުން ނަޝީދުގެ ވެރިކަމުގައި ދިވެހީން އިސްލާމްދީނުގެ ދިފާއުގައި އެންމެ ގިނަ ދިވެހީން ބައިވެރިވި ބޮޑު އެއްވުން ބާއްވަން ޖެހުނުކަމާއި، ބޮވެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވުމާއި، ކީރިތި ޤުރުއާނާއި ރަސޫލާ(ސ.އ.ވ)ގެ ސުންނަތް ނޫން އެހެން ގޮތެއް ނުވަތަ އޮލްޓަނެޓިވް ނެރޭޓިވްއެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން އިސްލާމްދީނުގެ ހުކުމްތަކާއި، ނަބިއްޔާގެ ހަދީޘްފުޅުތަކަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމުގައި އިސްކޮށް އުޅުނު މީހުންނަށް ބޮޑެތި މަގާމުތައްދީ، ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ދިންކަން ވެސް ރައީސް، ރޭ ހަނދުމަކޮށްދެއްވިއެވެ.
”އެންމެ ފަހުން އޮތް ސަރުކާރުން، އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އަޅުގަނޑުމެންނަށް ފެންނާން އޮތީ އެމްޑީއެން ރިޕޯޓު، އެމްޑީއެން ރިޕޯޓަކީ އަދި އަޅުގަނޑުމެން ހަނދާން ނެތޭހައި ދުވަސް ވީކަމެއް ނޫން. އަޅުގަނޑުމެންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫ ޖަހައި، ކުޑައިމީސްކޮށް، ބަދު ބަސް ބުނެ، ބޮޑު ރިޕޯޓެއް ހަދަައި، ޝާއިއު ކުރި މީހުން އޭރުގެ ސަރުކާރުގެ މުހިންމު މަގާމުތަކަށްލައި، ދިވެހި ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ދިނީ، ފަސް އަހަރު ވަންދެން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ކަންކަމަކީ ހަގީގަތް ކަމަށާއި، ވާދަވެރިން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް، މި ހަގީގަތްތައް ބަދަލު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ދީނީ ސިޔާސަތާ ހިލާފަށް، އިސްލާމްދީނަށް ފުރިހަމައަށް ނަސްރު ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.

