ގައުމެއްގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންނަށްވާ އިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަ ށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމަ އާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ.
އަދި މާތްވެގެންވާ އިސްލާމް ދީން ޢާއިލާއަށް ދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި އެކަމުން ވެސް ހާމަކޮށްދޭ ކަމަށް ވިދާޅުވިއެވެ.
”ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކު ވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން،“ ރައީސް ވިދާޅުވިއެވެ. ”ގައުމެއްގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުމާ ހަމައިން.“
އެމަނިކުފާނުގެ ޕޯސްޓް ނިންމަވައިލައްވަމުން ދިވެހި ކޮންމެ ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

