ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ތިން ރައީސުން ބޭއްވި ނޫސް ޕްރެސް ކޮންފަރެންސްގައި ވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ 3 ރައީސުން އެދިވަޑައިގެންނެވި ގޮތަށް ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ފާޑުވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ، 3 ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވުމަށްފަހު ބޭއްވި ނޫސް ކޮންފަރެންސްގެ ބައިވެރިން ސުވާލު ކުރަން ޖެހުނީ އެބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކަމަށާއި، އެ ނޫން ސުވާލެއް ކުރިނަމަ ހުއްޓުވާލީ ކަމުގައެވެ.

”ޔާމީން ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދު މަރާލި ވާހަކަ ދެއްކީމަ ގޯސް. މި މަރުތަކުގެ ތަހުގީގު އިބޫ ނުކުރި ވާހަކަ ބުނީމާ ގޯސް. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ގޯސް. ދެން މި މީހުނަށް ހޯދައި ދެވޭނީ ކޮން މިނިވަންކަމެއްތޯ؟ އެއްބަސްވި ލިޔުމުގައި، ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި.“ ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ނަޝީދު ވަނީ ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލާފައި، ކަމަށާއި ކޯޓުތަކުގައި ތަޅުވެސް އެޅުވި ކަމަށެވެ.

”ކޯޓުތައް އަންދާލި. ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި. އެމްއެންބީސީންގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން. ޔާމީންވަނީ ކޯޓުގެ ޓިނު ނަގާ ގާޒީންނަށް ބިރު ދައްކާފައި. ހ.ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ. ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި. ނޫސްވެރިން ގެ އަނގަމަތީ ޓޭޕް އެޅި. ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި. އިބޫ ޖެއްސި ގައުމު ދަރަނި ދަންތުރައެއްގައި. 60 ބިލިޔަން ރުފިޔާއިން ދަރުވާލި. ނޭވާ ހޮޅިން ވައްކަން ކުރި. ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި. ނޫސްވެރިން ގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރި. ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި. ހައި ކޯޓުގެ ގާޒީން ވަކިކުރި. ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލި. ފޯޅަވަހި ދޫކޮށްލި.“ ކުރީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ފަލާހު ލިޔުއްވައިފައިވެއެވެ.

އޭނާ ވިދާޅުވީ، މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް ކަމަށާއި، ދެން މި ބޭފުޅުން ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭނެ މިންވަރު ވިސްނާލަން ޖެހޭ ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އޮތީ ހުސް އަމިއްލަ އެދުމެވެ.