ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ވަނިކޮށް ދޫކޮށްލީ މި ސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުފުޅު ހެއްދެވުމުން، ބަންޑާރަނައިބު އަހުމަދު އުޝާމް ރައްދު ދެއްވައިފިއެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނެ، އެކަންކަން އިޔާދަ ކުރުމުގެ ނަމުގައި ކުރިން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް ސޯލިހު ރޭ ވަނީ ބައްދަލުކުރައްވައި އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވެސް ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގައި ހިމެނޭ މީހުން ބަންދުން ދޫކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.
އެކަމާ ގުޅިގެން ބަންޑާރަނައިބު މިއަދު ”އެކްސްގައި“ ވިދާޅުވީ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ މި ސަރުކާރުންކަމަށް ވިދާޅުވެ ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
”އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް.“ އުޝާމް ވިދާޅުވިއެވެ.
ރޭ ތިން ރައީސުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ވަނީ އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގާދިޔަ ގޯސް ކަންކަމާ ގުޅޭގޮތުން ސުވާލުތައް ކުރިމަތި ކުރުވައިފައެވެ. ނަމަވެސް އެ ސުވާލުތަކަށް 3 ރައީސުން ވެސް އެދެވޭ ޖަވާބުތަކެއް ދެއްވައިފައެއް ނުވެއެވެ.

