ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، މޫސުމީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އާއި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އާ ދެމެދު އިއްޔެ ސޮއިކުރި އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

މެޓްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖެނެރަލް އަބްދުލް ވާހިދެވެ.

އެއްބަސްވުމުގެ ދަށުން މާފަރު އެއާޕޯޓުގައި މެޓް އޮފީހުން އާ އޮބްޒަވޭޓަރީއެއް ގާއިމުކޮށް، އެތަނުން މޫސުމާ ބެހޭ އެންމެ ފަހުގެ ހޯދުންތަކާއި، ލަފާކުރުންތަކުގެ އިތުރުން، މަތިންދާބޯޓުތައް ރައްކާތެރިކަމާއެކު ފުރައި ޖެއްސުމަށް ބޭނުންވާ މޫސުމީ މައުލޫމާތާއި އިންޒާރުތައް ވަގުތުން ވަގުތަށް ފޯރުކޮށް ދޭނެއެވެ.

އިޔާސް ވިދާޅުވީ، މިއީ މާފަރު އެއާޕޯޓުގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑަޑްތައް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ޕައިލެޓުންނަށާއި، އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް މޫސުމަށް އަންނަ ބަދަލުތައް ވަގުތުން އެނގިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އޮޕަރޭޝަންތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށް ދިނުމަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.