ފީނަމުން ދަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދަމުންދަނިކޮށް މިއަދު އެމްއެމްޑީއެފް ކޯސްޓްގާޑުގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވި ހާދިސާއާ ގުޅިގެން އިޓަލީން ތައުޒިޔާ ދަންނަވައިފިއެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު  އެކްސްގައި ވިދާޅުވީ، އެކަމަނާ އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު، ޑަމިއާނޯ ފްރެންކޮވިގްއާ ބައްދަލުކުރައްވައި، ވ އަތޮޅުގައި ޑައިވިންއަށް ފޭބި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއާއި ގުޅިގެން ތައުޒިޔާ ދަންނަވައިފައިވާނެ ކަމަށެވެ.

އަދި ދެބޭފުޅުން ވަނީ، ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ހިންގި ”ހައި-ރިސްކް“ ރިކަވަރީ އޮޕަރޭޝަނުގައި މަހުދީ ނިޔާވުމާއި ގުޅިގެން، އެކަމުގެ ހިތާމަފާޅު ކުރައްވައިފައި ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.

އިޓަލީ ސަފީރު ވަނީ މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ދިވެހި ސަރުކާރަށާއި، ގައުމީ ދިފާއީ ބާރަށް ވެސް އިހުލާސްތެރިކަމާއިއެކުގައި ތައުޒިޔާ ދަންނަވާފައި ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި އިޓަލީއާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

އިޓަލީގެ ސަފީރުގެ އިތުރުން، ހާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، އިޓަލީގެ ރައްޔިތުންތަކެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ދިވެހި ސިފައިންގެ ހިތްވަރުގަދަ މީހަކު ނިޔާވުމަކީ އެ ގައުމަށް ލިބުނު އިތުރު ފުން ހިތާމައެއް ކަމަށެވެ.

މަހުދީ ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ.

ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުދީ ފެނިފައިވަނީ، އޭނާ މައްޗަށް ނޭރުމުން އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި ހޯދި ހޯދުމުގެ ތެރޭގައި ކަމަށާއި އޭނާ ފެނުނުއިރު އޮތީ ހަބަރު ހުސްވެފައި ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

އެއާއެކު މެންދުރުފަހު މަހުދީ މާލެ ގެނެސް، އޭޑީކޭއަށް އަވަސް ފަރުވާއަށް ގެންދިޔައެވެ. ނަމަވެސް އިރުކޮޅެއްފަހު އޭނާ ވަނީ ނިޔާވެފައެވެ.