ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް، ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު (މުންދު) އިއްޔެ ވިދާޅުވި ގޮތުގައި، މި ޓެކްނިކަލް ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ އިޓަލީ ސަރުކާރުގެ ހުށަހެޅުމަކަށް ކަމަށެވެ.

މި މަސައްކަތުގައި އެހީތެރިވުމަށް އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އެމެރިކާ ސަރުކާރުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މިއަދު ރާއްޖެ އައި ޓީމަކީ އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވައިލި ހާއްސަ ޓީމެކެވެ.

މި ޓީމުގައި ފުން ކަނޑުތަކާއި ހޮހަޅަތަކަށް ފީނުމުގެ ތަޖުރިބާ ލިބިފައިވާ ”ކޭވް ޑައިވިން ސްޕެޝަލިސްޓެއް“ ވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އިޓަލީގެ ފަސް ފަތުރުވެރިއަކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނުއިރު، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްފަހު، މިހާރު ވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެކަމުގައި އުޅުއްވަނިކޮށް، ސިފައިންގެ އޮފިސަރު މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަފާޅުކޮށް، މަހުދީގެ ހިތްވަރަށް ތައުރީފު ކުރަމުންނެވެ.