މިއަދަކީ ލާމަރުކަޒީ ނިޒާމުގެ އައު ބާބެއް ފެށިގެންދާ ދުވަސް ކަމަށް ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވީ، އަލަށް އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުން މަޤާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.

ލާމަރުކަޒީ ނުޒާމުގެ ނާރެސްކަމުގައިވާ ލޯކަލް ކައުންސިލްތަކުގެ 4 ވަނަ ދައުރު ނިމި 5 ވަނަ ދައުރަކަށް އަލިވިލޭ ދުވަސް ކަމަށާއި، 4 ވަނަ ދައުރުގައި ޚިދުމަތް ކުރެއްވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

”ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އަލަށް އިންތިޚާބުވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ހޫނު މަރުޙަބާއެއް ދަންނަވައި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރަމެވެ.“ އާދަމް ޝަރީފު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންނާ އެންމެ ގުޅިގެން ވެރިކަން ކުރުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ނިޒާމު ކަމަށާއި، މި ނިޒާމު ބާރުވެރި ކުރެވޭނީ އިޚްލާޞްތެރި ނިޔަތަކާއެކު ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންގެ ހޭހަން ކުރުމާއި އިތުބާރު، ލާމަރުކަޒީ ނިޒާމަށް ލިބިގެންކަން ޝަރީފު ފާހަގަކުރެއްވިއެވެ.

”ލާމަރުކަޒީ ނިޒާމަށް ލިބިގެންވާ ދުސްތޫރީ އަދި ޤާނޫނީ ބާރުވެރިކަން، އޭގެ އެންމެ ފުރިހަމަ މާނައިގާ ތަންފީޒު ކުރުމުގެ ފުރުޞަތު ދެވިގެންނެވެ. ލާމަރުކަޒީ ނިޒާމަށް އެންމެން އަހުލުވެރިވެ، އެ ނިޒާމަށް އެންމެން އިޙުތިރާމްކޮށްގެންނެވެ.“

އާދަމް ޝަރީފު ކުރެއްވެވި ޕޯސްޓު ނިންމަވައިލެއްވީ، ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.