ދިވެހިރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން ހަރުދަނާކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މިސްރުގެ އެމްބަސީން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން، މި މަހުގެ 21 އަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުން ބުނީ، ސީޕީގެ މި ދަތުރުފުޅުގައި، މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.