ވ. އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެއެވެ. އެމްއެންޑީއެފުން ”އެކްސް“ގައި ކުރި ޕޯސްޓެއްގައި ބުނީ، އެމީހުންގެ ހަށިތައް ”ލޮކޭޓު“ ކުރެވުނީ އެކަމަށްޓަކައި ރާއްޖެ އައިސްފައިވާ ތަޖުރިބާކާރުންގެ އެހީގައި ކަމަށެވެ.

އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހޮޅަ ތެރެއިންނެވެ. އެމްއެންޑީއެފުން ބުނީ، ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ޑައިވަރުން ހޯދަމުން ދަނިކޮށް، އިންސްޓްރަކްޓަރު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.

 

ވ.އަތޮޅަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންތައް

 

ދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ.

އޮޕަރޭޝަން އަލުން ފެށުމަށްފަހު، މިއަދު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުތައް ފެނިފައިވަނީ އަލިމަތާ ހޮހޮޅައެއްގެ ތެރެއިންނެވެ.