އެންމެ ކުރީސުރެވެސް، އިދިކޮޅު އެމްޑީޕީގެ ފިކުރަކީ ފަނާކުރުވަނިވި ފިކުރު ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

އޭނާ ”އެކްސް“ގައި މިއަދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތީ ދެފިކުރެއް ކަމަށެވެ. އެއީ  ބިނާކުރަނިވި ފިކުރާއި، ފަނާކުރަނިވި ފިކުރު ކަމަށް ސިއްދީގު ވިދާޅުވިއެވެ.

”އެންމެ ކުރީއްސުރެ އެމްޑީޕީގެ ފިކުރަކީ ފަނާކުރުވަނިވި ފިކުރު. ގައުމީ މަސްލަހަތު އޮތީ ބިނާކުރަނިވި ފިކުރާ އެކު. ފަނާކުރަނިވި ފިކުރާއެކު ގައުމީ މަސްލަހަތު ނެތް. ފަނާކުރަނިވި ފިކުރާ އެކު ގައުމީ މަސްލަހަތު އޮތްކަމަށް ދިވެހިން ގަބޫލު ނުކުރާނެ، ކޮންމެ މީހަކު ކޮންމެ ހުއްޖަތެއް ދެއްކެވިއަސް.“ ސިއްދީގު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންއާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރެެއްވުމަށް ނިންމަވައިފައިވާއިރު، މިއަދު އެ ތިން ރައީސުންގެ ފަރާތްޕުޅުން ކަނޑައެޅުއްވި މަންދޫބުން ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެ ފަރާތްތަކަށް ފާޑު ވިދާޅުވެ، ސިއްދީގު ވަނީ ތިން ރައީސުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ފައިދާއެއް ނެތް ގޮތަށްކަން ރައްޔިތުންނަށް އިނގޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެއީ  ވަގުތާއި، ހާލަތުގެ ނާޖާއިޒު މަންފާ ނެގުމަށް މަސައްކަތް ކުރާ، އިހުލާސްތެރިކަން ނެތް ބައެއްގެ ގޮތުގައި ސިއްދީގު ސިފަކުރެއްވިއެވެ.

”ދިވެހިން ބުނެ އުޅޭ ”ލަނޑަޔާ ވާނީ ލަނޑަޔަށް“ ކަމުގައި. ތިޔަ ވާހަކަ ތަކުގެ ފަހަތުގައި ވަނީ މަކަރުވެރި ކަމާއި، ހީލަތްތެރި ކަމާއި، ބަދަލު ހިފުމުގެ ނުބައި ރޭވުމެއް ނޫން ދެން ކޮން އެއްޗެއް؟ އެއިން ގައުމަށް ވާނީ ކޮން ފައިދާއެއް؟ ރައީސް މުއިއްޒު ވަނީ އެ ކަންކަން ދޫކުރައްވައި، ބައިބައިވެފައިވާ މިގައުމު އެއް ގަލަކަށް އަރުވާފައި.“ ސިއްދީގު ވިދާޅުވިއެވެ.

 

ސިއްދީގު އިތުރަށް ވިދާޅުވި ގޮތުގައި، ތިން ރައީސުންގެ މަންދޫބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެކެއްގެ މޫނަށް އަނެކަކު ނުބަލާ ތިބި ބައެކެވެ.

އަދި އެމީހުން މިއަދު ”އެއްގަލަކަށް އަރުވާފައި“ ތިބުމުން، ގައުމު ފިތުނަ ކުރަން ހިޔާލު ނުކުރަން އޭނާ ވަނީ އެފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގަންނަވައިފައެވެ.