ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ މާލީ ބަޔާން އާއްމު ކުރައްވައިފިއެވެ. އެމަނިކުފާނު މިއަދު ވަނީ ފާއިތުވި ހަ މަހުގެ މާލީ ބަޔާން އާއްމު ކުރައްވައިފައެވެ.

އެ ބަޔާނުން އެނގޭ ގޮތުގައި، ފާއިތުވެދިޔަ ހަ މަސްތެރޭގައި ރައީސަށް ވަނީ، ޖުމުލަ 327،024 ރުފިޔާ ލިބިލެއްވިއިރު، އެއީ، މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްގެ ކުލިން ލިބިލެއްވި 240،000 ރުފިޔާގެ އިތުރުން މ. ފިގްއިން ލިބިލެެއްވި 180،000 ރުފިޔާއެވެ. ފިގް އިން ލިބިވަޑައިގެންނެވި ފައިސާއަކީ، އާއިލާގެ ފަރާތުން އެމަނިކުފާނަށް ހަދިޔާކުރި ފައިސާކަން ބަޔާނުން އެނގެއެވެ.

މާލީ ބަޔާނުގައިވާ ރައީސްގެ މިލްކިއްޔާތުގައި ހުރި މުދަލުގެ ތަފުސީލުތައް:

  • މިލްކިއްޔާތުގައި ތިން ބިމަކާއި ހުޅުމާލޭގެ ރޯހައުސަކާއި ކާރެއް.
  • އޭގެތެރެއިން، މ. ފިގްއިން ލިބިފައި ވަނީ، ހިބައިން ދީފައިވާ ބައެއް.
  • މ. ދިމްޔާތަކީ ވާރުތަވެފައިވާ ބިމެއް.
  • ހއ. ވަށަފަރުގައި ވެސް ބިމެއް އޮވޭ.

އެ މުދާތަކުގެ އަގުތައް:

  • ހުޅުމާލެ އެމްބާ ޓެރަސް ޓޫ [ރޯހައުސް]: 5،919،500 ރުފިޔާ
  • ދިމްޔާތު، ހއ. ވަށަފަރު: 150،000 ރުފިޔާ
  • ކާރު: 260،000 ރުފިޔާ

ރައީސްގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި، މިއަދާ ހަމައަށް ރައީސްގެ ބީއެމްއެލް ދިވެހި ރުފިޔާ ކަރަންޓު އެކައުންޓުގައި ހުރީ، 184،845.52 ރުފިޔާއެވެ. އެއާއެކު، އެމަނިކުފާނުގެ ބީއެމްއެލް ސޭވިން އެކައުންޓުގައި ދިވެހި ރުފިޔާގެ ގޮތުގައި، މިއަދާ ހަމައަށް 1.7 މިލިއަން އެބަހުއްޓެވެ. އަދި، އިސްލާމިކް ބޭންކް ސޭވިން އެކައުންޓުގައި މިއަދާ ހަމައަށް 1،000 ރުފިޔާ އެބަހުއްޓެވެ.

އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ލޯނުގެ ގޮތުގައި، 1.3 މިލިއަން ރުފިޔާ ބާކީ ދައްކަން އެބަ އޮތް ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން، މިދިޔަ ހަ މަހުން ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ލިބޭ އެލަވަންސްގެ ގޮތުގައި، 199،99.98 ރުފިޔާ ލިބިވަޑައިގެންނެވިއެވެ.

އަދި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ކޮންސަލްޓަންޓުގެ މުސާރައަށް ހަ މަހުން 4،927 ރުފިޔާ ލިބުނުއިރު، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން 78،000 ރުފިޔާ މިދިޔަ ހަ މަހުން ލިބިވަޑައިގެންފައިވެއެވެ.