ވ. އަތޮޅުގެ ”ހޮހަޅަ“އަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުގެ ތެރެއިން، ދެ މީހެއްގެ ހަށިގަނޑު ނަގައިފިއެވެ.

އެމީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރި ހޮހޮޅައިގެ 3 ވަނަ ޗެމްބަރުގެ ތެރެއިންނެވެ.

ގެއްލުނުތާ ފަސް ދުވަސް ފަހުން، 2 މީހެއްގެ ހަށިގަނޑު ނަގާފައިވަނީ މިކަމަށްޓަކައި ރާއްޖެ ގެނައި ތަޖުރިބާކާރުންގެ ޓީމުންނެވެ. މިއަދު ނެގި ދެ ހަށިގަނޑު ވެސް ވަނީ މާލެ ގެނެސްފައެވެ.

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުންގެ އިންސްޓްރަކްޓަރު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ޑައިވަރުން ހޯދަމުން ދަނިކޮށް، އިންސްޓްރަކްޓަރު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.

ދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ.

އޮޕަރޭޝަން އަލުން ފެށުމަށްފަހު، އިއްޔެ ވަނީ  ހަތަރު މީހުންގެ ހަށިގަނޑު ލޮކޭޓު ކޮށްފައެވެ.