”ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް ލިބޭ ގެއްލުން ކުޑަކުރުމުގައި ދަނީ ކާމިޔާބީ ލިބެމުން“

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށާއި، އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް، މި ނިސްބަތް ހުރީ 8.9 ގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާލަތުގައި، ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު، މިހާ ބޮޑަށް ކުޑަކުރެވުން އެމަނިކުފާނު ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގައެވެ.

އަދި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުން މިހާރު ވެގެންގޮސްފައިވަނީ، ހައްސާސް ޙާލަތެއްގައި އިޤުތިޞާދީ ގެއްލުން މިޓިގޭޓްކުރުމަށް ރާއްޖޭގެ އަމިއްލަ ޤާބިލިއްޔަތު އިތުރުވެގެންދިޔަ، ޙިކުމަތްތެރި ނިންމެވުމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވަނީ، މަސްވެރިންނަށް މަސްކަނޑަށް ނިކުމެވޭވަރު ކޮށްދެއްވަމުން ގެންދަވާކަން ހާމަކުރައްވައި، ތެލުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނޭ ބިނާރު ޤާއިމުކުރެވި، އޭގެ ފައިދާ ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލޮޖިސްޓިކަލް ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އަދި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ކޮސްޓު ކުޑަކޮށް، ދަނޑުވެރިކަމުގެ ސިނާޢަތުގައި، ނާލަށް ދާ ޚަރަދު ކުޑަކުރުމަށްވެސް، ފަހި ގޮތްތަކެއް ހަމަޖެއްސަވައިދެއްވުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވަނީ، ހަނގުރާމައިގެ ހާލަތު ގާތުން ވިލަރެސްކުރައްވައި، ހަނގުރާމައިގެ އަސަރުކުރާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ޙާލަތު ބައްލަވަމުން، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި ޚާރިޖީ ޗެނަލްތަކުން ދޭދޭ ޤައުމުތަކާއި މުއައްސަސާތަކާއެކު މަޝްވަރާކޮށް، އިޤުތިޞާދީ ލޮޅުން ކުޑަކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.