ދިވެހިރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިންގެ ފަހު ގުރޫޕު މިއަދު ހެނދުނު ފުރައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގައި މިއަދު ހެނދުނު 253 ޙައްޖުވެރިން ވަނީ ފުރާފައެވެ.

މިއާއެކު މިއަހަރު ދިވެހިރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ އެންމެހާ ހައްޖުވެރިން މިވަނީ ރާއްޖެއިން ފުރާފައެވެ.

އެގޮތުން ފުރަތަމަ ތިން ގުރޫޕުގެ ހައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ އުމްރާވެސް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު މައްކާގައި ތިބި އެންމެހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވައެވެ.

މި އަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގައެވެ.