ވ.އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅަޔަކަށް ފީނަމުންދަނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް އެ ގައުމުން ފަށައިފިއެވެ.
އިޓަލީގެ އަންސާ ނޫހުން އިއްޔެ ބުނީ އެ ގައުމުގެ ފަސް ޑައިވަރުން މަރުވި މައްސަލައިގެ ޖިނާއީ ތަހުގީގެއް، އެ ގައުމުގެ ޕްރޮސިކިއުޓަރުން ފަށާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ކުރަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މީހުން ތިބި ސަފާރީއާ ގުޅޭ ތަހުގީގެއް ހިންގައި އެ ސަފާރީގައި ތިބި މީހުންނާ ވެސް ސުވާލު ކުރުމަށް ހަމަޖެހިފައިވެއެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ އެ ދުވަހު ހޯދައި ނަގައިފައެވެ. އަދި އިއްޔެ ވަނީ ދެ މީހެއްގެ ހަށިގަނޑު ނަގައިފައެވެ.
ހަށިތައް ނެގުމުގެ މަސައްކަތް ކުރީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ.
އިއްޔެ ނެގި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ ހޮހަޅައިގެ ތިންވަނަ ޗެމްބަރުގެ ތެރެއިން، ގާތްގަނޑަކަށް 200 ފޫޓު އަޑިންނެވެ. ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް މިއަދުގެ ވަގުތެއްގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.

