މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ”ޓްރިޕަލް އެލިމިނޭޝަން“ (ތިން ބައްޔެއް) ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އެކަން ފާހަގަކޮށް ހަނދާނީ ފިލާއަރުވައިފިއެވެ.

މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަށަވަރުކޮށްދީ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ކަން ފާހަގަކޮށް، އެކަމުގެ ހަނދާނީ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންްޑް ވެލްފެއަރ ގީލާ އަލީއަށް އަރުވާފައިވަނީ މިހާރު ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައެވެ.

މި ކާމިޔާބީއާއެކު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.

މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް، މާބަނޑު ދުވަސްވަރު އެންމެން ސްކްރީން ކުރުމަށް (ބަލި ހުރިތޯ ބެލުމަށް) އަދި ރާއްޖޭގެ ބެހިފައިވާ ރަށްތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމަކަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތް އިންވެސްޓްމަންޓްތަކެއް ކޮށްގެން ހާސިލްކުރެވުނު ނަތީޖާ އެކެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވަނީ މައިންގެ ފަރާތުން ކުދިންނަށް އެޗްއައިވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ޑަބްލިޔުއެޗްއޯ ގެ ކަށަވަރުކުރުން ހޯދާފައެވެ. އަދި އޭގެ ފަހުން އުފަންވާ ކުދިންގެ ގައިން އެޗް.އައި.ވީ އަދި ވިހާއިރު ހުންނަ ސިފިލިސް (ކޮންޖެނިޓަލް ސިފިލިސް) ޖެހިފައިވާ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.

މާބަނޑު މީހުންނަށް ދޭ ސިއްހީ ފަރުވާގެ ނިސްބަތް %95 އަށް ވުރެ މަތީގައި ހުރުމާއި، ވިހާ ގޮތަށް ދޭ ވެކްސިން ޑޯޒް ދޭ ނިސްބަތް މަތިވުމުގެ ސަބަބުން، މިހާރު މި ކާމިޔާބީ ވަނީ ހެޕަޓައިޓިސް ބީ އަށް ވެސް ފުޅާކޮށްފައެވެ.

މި ކާމިޔާބީ ހާސިލްކުރެވުނީ ގައުމީ ސިއްހީ އިދާރާތަކާއި، ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ކުރި މަސައްކަތުންނެވެ. މީގެ އިތުރުން، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ.