ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީ ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑުތައް ވެސް ނަގައިފިއެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ފަސް ޓޫރިސްޓަކު ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ހާދިސާގައި މަރުވީ، މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް، ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު، މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް، ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް، ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅެވެ.
މި ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރު ފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލިއެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

