މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ހިމަބިހި ކޭސްއެއް ފެނިއްޖެނަމަ އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިން ދިނުން މިހާރު ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ އެޖެންސީން ވަނީ ހިމަބިހި ޖެހުމުން ފެންނާނެ އަލާމާތްތައް ކަމުގައިވާ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި އަދި ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެ އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ހިމަބިހީގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ.