ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގައި ހަމަޖެހުން ގާއިމު ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ވާދަވެރި ފަރާތްތަކުން ކުރަމުންދަނީ ޒިންމާދާރުކަމެއް ނެތް މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން މިރޭ ދެއްކި ”ނޭޝަންޗެޓް“ ގައި ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގައި ހަމަޖެހުން ގާއިމު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ދިޔުމަކީ ޑިމޮކްރަސީގެ ހަމައެއްވެސް ނޫން ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް އުނދަގޫ ވާނެ ގޮތަށް ވެރިރަށް މާލޭގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
”އެކަމަކީ އަދި އަމުދުން އިހުލާސްތެރިކަމެއް އޮތް ކަމެއް ނޫންކަން، އެއީ ރައްޔިތުން ދެނެގަންނަންވީ ކަމެއްކަން. އަޅުގަނޑު ޔަގީން ކުރަނީ، އެގޮތުގައި ރައްޔިތުން އެކަން ގަބޫލު ކުރައްވާނެ ކަަމަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ”ރައްޔިތުންގެ ފަޅީގައި އޮވެގެން“ ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމަށެވެ. މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ވެސް މަސައްކަތް ކުރައްވައިފައި ވާނީ އެގޮތުގެ މަތިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރައްޔިތުން އެދޭ ވަށާޖެހޭ ތަރައްގީ ކަށަވަރު ކުރުމުގެ ސިޔާސަތު ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.
”އަޅުގަނޑަށް އެންމެ މުހިންމީ މި ގައުމު. އަޅުގަނޑަށް އެންމެ މުހިންމީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހިދުމަތް ކުރުން. އަޅުގަނޑަށް މުހިންމީ ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން. އަޅުގަނޑަށް މުހިންމީ ރާއްޖޭގެ އިސްލާމްދީން އެއީ އެންމެ އިސްކަންދޭ ކަންތަކުގެ ގޮތުގައި، އިސްލާމްދީނަށް ނަސްރު ލިބިގެން ދިޔުން، އަބަދުވެސް.“ ރައީސް ވިދާޅުވިއެވެ.

