އިސްލާމްދީނާއި ދިވެހި ގައުމު ދެކެ ލޯބިވާ ޒުވާނުން ބިނާ ކުރުމަކީ އެންމެ މާނަ ހުރި ތަރައްގީ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ”ޕީއެސްއެމް“ގެ ”ނޭޝަންޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމެއް ތަރައްގީ ކުރުމުގައި މީހުން ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ދީނާއި ގައުމަށް ލޯބިކުރާ ޒުވާނުން ބިނާ ކުރުމުގެ ސަބަބުން ގައުމަށް ލިބޭ ފައިދާ، އަންނަން އޮތް ޖީލުތަކަށް މާބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ”ވަތަނީ ހިދުމަތު“ގެ ޕްރޮގްރާމް ފެށިގެން ދިޔައީ، މި ވިސްނުންފުޅުގެ ތެރެއިންކަން ރައީސް މިރޭ ވަނީ ފާހަގަކުރައްވައިފައެވެ.
”600 އެއްހައި ޒުވާނުން މިހާރު ތަމްރީނު ކުރެވި، ފުރަތަމަ ބެޗުގައި ތަމްރީނު ކުރެވުނު 300 އަށް ވުރެ ގިނަ ޒުވާނުން، އޭގެތެރެއިން ވަރަށް ގިނަ ޒުވާނުން ތިބީ މިހާރު ވަޒީފާގައި. ދެން އަނެއްްކާ މިފަހަރު ތަމްރީނު ފުރިހަމަކުރި ޒުވާނުން ދެން އަނެއްކާ ވަޒީފާއަށް ދާނެ.“ ރައީސް ވިދާޅުވިއެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ކުރާ ޒުވާނުން އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ވެސް، އެ ކުދިން އިހުތިޔާރު ކުރާ ދާއިރާއެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ހޯދައިދޭން ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ކަސްޓަމްސް ނުވަތަ އިމިގްރޭޝަން ފަދަ ތަންތަނުގައި މަސައްކަތް ކުރަން ބޭނުންވި ޒުވާނުންނަށް އެ ފުރުސަތު ދެވިފައިވާށ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ދޫކޮށްލަނީ ޕްރައިވެޓް ސެކްޓަރއާ ގުޅެން ބޭނުންވާ ކުދިން އެކަންޏެވެ.
