ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަންނަ ޖުލައި މަހުގެ 26 ގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިރޭ އަލަށް ގެނެސްދޭން ފެށި ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުޅި ސަރުކާރުގެ ނިޒާމްގެ ތެރޭގައި ހުރި ކަންކަމުގެ ޝަކުވާތަކަށް، 24 ގަޑިއިރު ހިދުމަތް ދިނުމަށް ގާއިމްކުރާ މި އޮފީހުގެ އިދާރީ ހުރިހާ މަސައްކަތެއް ވަރަށް ބާރަށް ކުރިއަށް ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިއުރޯއަށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރާއެކު މި މަސައްކަތް ކާމިޔާބުކަމާއިއެކު ހާސިލްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ރައީސް ވަނީ ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި
ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން މިނިސްޓްރީތަކަށް ގެންނެވި ބަދަލާއި އެކު އެކަމުގެ ހެޔޮ ނަތީޖާ ފެނިވަޑައިގަންނަވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުން އެކި ކަންކަމުގައި އެދުމުން އެކަންކަން ފުރިހަމަކުރުމަށް، އެވްރެޖްކޮށް ހަތަރު ހަފްތާ ހޭދަވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ މުއްދަތު ހަތަރު ދުވަހަށް ކުޑަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރު ބައޯމެޓްރިކްސް ނުނެގިހުރީ އެންމެ އެއް ޕަސެންޓް މީހުންގެ ކަމަށެވެ. މިއީ މިހާތަނަށް ޔޫ.އޭ.އީ އަދި ސިންގަޕޯރ އިން ހޯދާފައިވާ ކުރިއެރުމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ދެއަހަރާއި ބައިގެ ތެރޭގައި ބާރަ ހާހަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ މި މަސައްކަތުގައި ހަރަކާތެރިވި އެކި ފަރާތްތަކުގެ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

