ތިން ލަނޑައަކަށް އެއް ގަލަކުން މާ ގިނަ ދުވަހަކު ފެއްސެެއް ނުކެވޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި ވަނީ، އއ.ތޮއްޑޫ އިންތިހާބީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ތިން ރައީސުން ކަމުގައިވާ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ހިކައަކާއި، ލަނޑައަކާއި ފަރުތޮޅިއަކަށް ވެސް، މާ ގިނަ ދުވަސް ވަންދެން އެއް ގަލަކުން ފެހި ނުކެވޭނެ ކަމަށެވެ.
އަދި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބު ކުރާނީ، ރައީސް ޑރ.މުހައްމަދު މުއިއްޒުއާއެކު 60 އިންސައްތައިން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މަގުބޫލުކަމެއް ނެތްކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާއިރު، ބާކީއޮތް 70 އިންސައްތަ ލިބެނީ ކޮން ބޭފުޅަކަށްތޯ ޝާޑު ވަނީ ސުވާލު އުފައްދަވާފައެވެ.
ޝާހިދު ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައި ނިމޭއިރު 30 އިންސައްތަ ތާއީދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ދެން އޮތް ދެ އަހަރާއި ބައިގެ މަސައްކަތާއެކު، ރިޔާސީ އިންތިހާބު އަންނައިރު އެ އަދަދު 60 އިންސައްތައަށް އަރާނެ ކަމަށެވެ.
”އަޅުގަނޑު ބުނާނީ ދެ އަހަރާއި ބައިވިއިރުވެސް މައްސަލައެއް ނެތޭ 30 އިންސައްތަ އޮތަސް. އަނެއް ދެ އަހަރާއި ބައި ކުރިއަށް އޮތް ތަނުގައި އެއާ އެއްކޮށްލީމައި އެވަނީ 60 އިންސައްތަ. 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒާއެކު އަޅުގަނޑުމެން ކާމިޔާބު ކުރާނީ 60 އިންސައްތައާއެކު،“ ޝާޑު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަކީ ޒަމާނީ ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށާއި، ވެރިކަމުގައި މިވީ ދެ އަހަރާ ބައިގެ ތެރޭގައި ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެއްވައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

