ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު(ސޮޑާ)ގެ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ދެެއްކެވި ވާހަކައިގައެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ މި އަހަރުގެ ތެރޭގައި ރައީސް މުއިއްޒުގެ ވެރިކަން ނިންމާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުވެ ތެރެއިންވެސް ބަދަލުތަކެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އަބްދުއްރަހީމް އެ ވާހަކައަށް ރައްދު ދެއްވައި ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

”ރައްޔިތުން ހައްލަން، ރައްޔިތުން ވާވައްދަން، ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް، ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާއެކީގައެއް ނޫނޭ، ރައްޔިތުން ތިބީ ޑރ.މުއިއްޒުއާ އެކީގައޭ.“ އޭނާ ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭނުން ވަނީ، ރައްޔިތުން އެދޭ އަމާޒަށް ރައީސް މުއިއްޒުއާއެކު ދާން ކަމަށާއި، ހިތަދޫ އުތުރު ދާއިރާއަށް ބޭނުންވަނީ، އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ ބައިވެރިއެއް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކުރައްވާނެ ބޭފުޅަކު މަޖިލީހަށް ބޭނުން ނުވާކަން އަބްދުއްރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތެއް އިދިކޮޅު ފަރާތްތަކަށް ނުކުރެވޭ ކަމަށާއި ކުރާނެ މަސައްކަތެއްވެސް ނެތް ކަމަށެވެ.