ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު-1 ކާމިޔާބުކަމާ އެކު ނިންމާލުމުގެ އުފަލުގައި، ބ. ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތައް ހިންގާ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ހުންނަ ކިހާދޫގެ ބަނދަރު ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްގެންދިޔައީ، އިއްޔެ ހަވީރު 16:0 އިން 18:00އަށެވެ. ​

އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ މި ހަރަކާތުގައި ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ. މީގެ އިތުރުން، ހާއްސަ ދެ މެސްކޮޓަކާ އެކު ކުޑަކުދިންނަށް އުފާވެރި މާހައުލެއް ބިނާކޮށްދީ، ހަދިޔާ ވެސް ވަނީ ބަހާފައެވެ.

އެމްއެންޑީއެފުން ބުނީ، މިއީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސިފައިންގެ ގައުމީ ހިދުމަތްތަކުގައި މަދަނީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެއް ކަމަށެވެ.

ކިހާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެމްއެންޑީއެފުން ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަަމަށް ވެސް ބުންޏެވެ. ​

ކިހާދޫ ބަނދަރު ސަރަހައްދަށް އެއްވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުންގެ ފަރާތުން މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.