ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯއަށް ރަސްމީކޮށް އަރުވައިފިއެވެ.
ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމުން، އެމްޕެރާ ނަރުހިޓޯ ވަނީ ސަފީރު މަހްލޫފަށް މަރުހަބާ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި މަހްލޫފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޖަޕާނުގެ އެމްޕެރާއަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ.
އަދި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން މަހުލޫފް އެރުވިއެވެ.
ސަފީރުކަމުގެ މަގާމަށް މަހްލޫފް އައްޔަންކުރައްވައި ރައީސް މުއިއްޒު ފަތްކޮޅު ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މަހްލޫފަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 60 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަޕާނުގެ ސަފީރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެންނެވެ.

