ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ދިވެހި ހާޖީ ވެސް އަރަފާތު ބިމަށް ގޮސްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހެނދުނު ވިދާޅުވެފައިވަނީ، ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސްފައިވާ ކަމަށާއި އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާ ދެވެމުންދާ ކަމަށެވެ.

އޭގެ ފަހުން މިނިސްޓަރު ޝަހީމް މީޑިއާތަކަށް ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި ހައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް އަރަފާތަށް ގެންގޮސްފައި ކަމަށެވެ.

”ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ހާޖީންގެ ހާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ އަރަފާތުގައި،“ މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުންދާއިރު، ހައްޖުވެރިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި ދިވެހި ކްލިނިކްތައްވެސް ވަނީ ގާއިމުކޮށްފައެވެ.