ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ދީފައި ނުވާ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެ ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރަށް ޖަލުގައި ލާއިންސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިހުސާން ވިދާޅުވީ އެ ހަބަރު ލިބުނު މީހާއަށް ޔަގީނުން ވެސް ފިތުނަވެރި ކަމާއި ދޮގު ހެދުމުން އިނާމު ދޭންޖެހޭ ކަމަށެވެ.

”ކާކު އަންގައިގެން ބާ މިގޮތަށް ހެޑްލައިން ލިޔުނީ؟ ޖަލުގައި އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ނުދޭ،“ އިހުސާން ވިދާޅުވިއެވެ.

ޝަހުޒާނާއި ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ އެ މީހުން ތިބި ގޮޅިން ފޯނެއް ފެނިގެން ކަމަށް މިނިސްޓަރު އިހުސާން މިއަދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.