ބޮޑު އީދު ފާހަގަކުރާއިރު އިސްލާމީ އަހުލާގަށް ރައްކާތެރިވާންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ދެ ޖިންސު މަސްހުނިވެގެން ގިނަ އީދު ހަރަކާތްތައް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި، މިނިސްޓަރު ޝަހީމު ވިދާޅުވީ އަޟްހާ އީދަކީ، ހައްޖުގެ މާތް އަޅުކަމާ ވިދިގެން، އިސްލާމީ އުންމަތަށް ﷲ ދަރުމަކުރެއްވި މަތިވެރި އީދެއް ކަމަށެވެ.
”ހައްޖުގެ އަޅުކަން މުޅިން ނުނިމެނޭސް، މަޝާޢިރުތަކުގައި ޙައްޖުވެރިން ތަލްބިޔާ ކިޔައި ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިއާރުތައް މަތިވެރިކުރަމުންދާއިރު، އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރު އަޑު އިވެމުންދާ ހިނދު، އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާއި ހިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ،“ ޝަހީމު ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަހުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، ސިޔާސީ ފަރާތްތަކަށް ފާޑު ކިޔައި، ހދ.ކުޅުދުުއްފުށި ސިޓީގައި އީދާ ގުޅިގެން އާއްމުކޮށް ކޮންމެ އަހަރަކު ވެސް
ބާއްވާ މަށިމާލި ޕެރޭޑަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެ ޕެރޭޑު ބަލަން ގިނަ ކުޑަކުދިން ވެސް އެއްވާއިރު، އެ ހަރަކާތުގައި ދައްކާ މަންޒަރުތަކަކީ ކުޑަކުދިންނާ އެންމެ އެކަށީގެންވާ މަންޒަރުތަކެއް ނޫން ކަމަށް ބުނެ ވެސް، ގިނަ ބަޔަކު ފާޑު ކިޔައިފައިވެއެވެ.
