މިއަހަރުގެ މިހާތަނަށް 923،984 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 923،984 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 4.0 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރު ދުވާލަކަށް ގާތްގަނޑަކަށް 6،546 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު އުޅެނީ 6،286 ގައެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.
އަދި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 141،339 ފަތުރުވެރިން އައިސްފައިވާ އިރު ދެވަނަ އަދި ތިން ނަވައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެއެވެ.

