އަހަރުމެންނަށް ދެއްވައިފައިވާ ނިއުމަތްތަކާ މެދުގައި ގިޔާމަތް ދުވަހުން ސުވާލު ވެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު އިއްވެވި ހުކުރު ހުތުބާގެ މައުޟޫއު އަކީ ”ހޭދަކުރުމުގައި އިގްތިސާދުކުރުން“ މިއެވެ.
މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، އެ މުދާ ހޯދުމުގައި ވެސް ޝަރުއީ މިންގަނޑުތަކަށް ބަލަން ޖެހޭނެ ކަމަށެވެ.
ހަމަ އެހެންމެ މުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައިވެސް ޝަރުއީ މިންގަނޑުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

މުދަލަކީ އަހަރެމެންނާ ހަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ހައްގުތަކެއް ވެސް ﷲ ލައްވައިފައިވާ ކަމަށް ހުތުބާގައިވެއެވެ.
ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ހައްގުތައް ވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ ހައްގުތަކުން އެމީހުން މަހުރޫމުކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

އަދި މުދާ ހޯދާއިރު ހިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތު ދިނުމާއި، ޓެކުމާއި، ރިބާގެ މުއާމާލާތް ކުރުމާއި، ޖުވާކުޅުންފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަން ކަމުގައި ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނި ގޮތުގައި މުދާ ލިބުމަށްފަހު މުދަލަށް ގެއްލުން ދިނުމާއި، މުދަ ހަލާކުކުރުމާއި ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީވެސް ހުއްދަ ކަމެއް ނޫނެވެ. އަދި އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަމެއްކަން ހުތުބާގައި ވަނީ ބުނެފައެވެ.