ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، މާލޭގެ މަގުތަކުން އީދާ ދިމާކޮށް ތަކުބީރު އިއްވަމުން ދިޔަ ދިޔުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިމުމަކަށް ގެނައުމުން މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު، އީދު ދުވަސްތަކުގައި މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ސިޓީ ކައުންސިލުން ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވައިފައިވެއެވެ.

އެކްސްގައި ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވެފައި ވަނީ، މިހާރު ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، އީދާ ގުޅިގެން މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ތަކުބީރުގެ އަޑު ގުގުމާލާފައިވާ ކަމަށެވެ.

އަދި އޭރު ޕީއެންސީ އަށް ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އިރު، އެ ރީތި އާދަ މެދުކެނޑުމެއްނެތި ދަމަހައްޓަމުން އައިކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެހެންނަމަވެސް، މިއަދު ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. މާލެއިން އެ އަޑު ކެނޑި، މުޅި މާހައުލު ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. މިއީ އެމްޑީޕީ އަށް ކިރިޔާވެސް ބާރެއް ލިބުމުން ކަންކަން ބަދަލުވެގެންދާ ގޮތެވެ.“ އަރީޝް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި، މާލޭގައި ލައުޑް ސްޕީކަރުތައް މެދުވެރިކޮށް ތަކުބީރުގެ އަޑު އިއްވަމުން ދިޔުން ވެގެންދިޔައީ، ވަރަށް ގިނަ އާއްމު ރައްޔިތުންނަށް ކަމުދިޔަ ކަމަކަށެވެ. އަދި އެކި ކުލައިގެ ކުލަބޮކިތަކާއި ގިޑިގެތަކުން މަގުތައް ޒީނަތްތެރި ކުރިއިރު، އެކަމަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ.