ތިބާ ކުރާ ކޮންމެ ދުޢާއެއްވެސް، މާތްﷲ އައްސަވާ ވޮޑިގެންވެއެވެ. އެއީ ކުޑަކޮށްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެކަލާނގެ، އަހަރުމެން އިންސާނުންނަށްވުރެ ބޮޑަށް އަހަރުމެން ދެނެވޮޑިގެންވެެއެވެ.

ތިބާ ވަކި ކަމެއް ހާސިލު ކުރަން ބޭނުންވެ، އެކަމަށް އެދެވުނަސް، އެއީ ތިބާއަށް ގޯސްކަމެއް ކަމަށްވާނަމަ، އެކަމެއް އެންމެ މޮޅަށް ދެެނެވޮޑިގެންވަނީވެސް އެކަލާނގެއެވެ.

އެހެންކަމުން އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅަކު، ދެރަ ކަމަކުން ސަލާމަތް ކުރެއްވުމަށްޓަކައިވެސް، އެމީހަކު ކުރި ދުއާގައި އެދުނު ގޮތަށް ކަންކަން ފަހިކޮށްނުދެއްވައިފާނެއެވެ. އަހަރުމެންނަށް އެންމެ މޮޅު ގޮތް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ.

“އިޖާބަ ނުކުރައްވަފާނެތީ ތިމަންކަލޭގެފާނު ކަންބޮޑުވެވަޑައި ނުގަންނަވަމުއެވެ. ފަހެ ދުއާ ކުރުމުގެ ތައުފީގު ލިބިވަޑައިގެންފިނަމަ، ފަހެ އިޖާބަވުންވަނީ އެއާއެކުގައެވެ.”

ދުއާ ކުރުމުން، ﷲ ގެ އިޒުނަފުޅާއެކު މުސީބާތްތައް ފިލައިދެއެވެ. އަދި އަޒާބާއި ހަލާކަށް އެކަމުން ހުރަސްއަޅައެވެ. އަދި އެއީ މުއުމިނުންގެ ހަތިޔާރެކެވެ. ސަބަބުތަކުގެ ތެރޭގައި، އެއަށްވުރެ ފައިދާބޮޑު އަދި އެއެދޭކަމެއް ހާސިލުކުރުމުގައި އަސަރުކުރުވާ އެއްޗެއް ނުވެއެވެ.

ﷲ ވަހީ ކުރެއްވިއެވެ.

﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ﴾  [سورة البقرة ١٨٦]

މާނައީ: “އަދި ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުއާ ކުރި މީހާގެ ދުއާ، އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން އިލާހަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.”

މާތް ރަސްކަލާނގެ ހަޟްރަތުގައި ކުރާ ދުޢާ އިޖާބަ ކުރައްވަވާތޯ، އަޅުތަކުންނަށް ކުރެވޭނީ ކޮންކަމެއްތޯ މީހަކު ސުވާލު ކުރުމުން، ޝެއިޚް އާސިމް އަލް ހަކީމް ވިދާޅުވެފައިވަނީ، ދުޢާ އިޖާބަ ކުރައްވާތޯ ވަކި ޚާއްސަ ކަމެއް ކުރެވެން ނެތް ކަމަށެވެ.

އިންސާނުންނަށް އޮތް ގޮތަކީ، އެމީހަކު އެދޭ ކަމެއް، ފުއްދަވައިދެއްވަންދެން، އެކަަމަކަށް އެދި ދުޢާ ކުރުން ކަމަށެވެ. އަދި އެއީވެސް އަދަބުވެރިކަމާއިއެކުގައި، އިހްލާސްތެރިކަންމަތީގައެވެ.

އަހުރެން ވަރަށް ފަހުން އުމްރާގެ އަޅުކަންވެސް އަދާކޮށް، މީހުންނަށް ސަދަގާތްވެސް ކުރިން ކަމަށާއި، އެކަންކަން ކުރީތީ ދުޢާ އިޖާބަކުރައްވަން ޖެހޭނެކަމަށް ހީވުން ނުވަތަ އެގޮތަށް ވިސްނުން އެއީ ގޯހެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނުންނަށް މާތް ރަސްކަލާނގެ ހަޟްރަތުން ކަންކަމަށް އެއްވެސް ވަރަކަށް ”ޑިމާންޑް“ ނުކުރެވޭނެ ކަމަށާއި، އަޅުތަކުން ކަންކަމަށް އެދެންވާނީ، ނިކަމެތިކަމާއެކުގައި ކަަމަށެވެ.

މީގެ އިތުރުން ޝެއިޚް ވަނީ ވަރަށް މުހިންމު އެހެންކަމެއްވެސް ފާހަގަކުރައްވައިފައެވެ. އެއީ ހުއްދަ ނޫން ގޮތުގައި ހޯދާ ފައިސާއިން ކައިބޮއެ، ފޭރާން ލައި އުޅޭ މީހުންގެ ދުޢާ ޤަބޫލު ނުކުރައްވަވާނެ ކަމެވެ. އެހެންކަމުން ދުޢާ އިޖާބަވުން އެދޭނަމަ، ހަރާމް ތަކެތި ކައިބޮއެ ހެދުމުން ދުރުވާން ޖެހެއެވެ.