ސްކައުޓް ހަރަކާތަކީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ލާމަސީލު މިސާލެއްކަމުގައި ސިފަކުރައްވައި، ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި އުފާވެރި މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ، މުޖުތަމައު ބިނާކުރުމުގައި ސްކައުޓިން އަދާކުރަމުންދާ ދައުރަށް ތައުރީފުކުރައްވާފައެވެ.

އެގޮތުން، ސްކައުޓް ހަރަކާތުން ރަމްޒުކޮށްދެނީ، ނަފްސު އިސްލާހު ކުރުމާއި، ރިވެތި އަހުލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު ޖީލެއް ބޮޑުވަމުންދާ އަދި އަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސްކައުޓް ހަރަކާތަކީ، ރާއްޖޭގައި ޖަޒީރާތަކުގެ ދުރުމިން ކައިރިކޮށް، ދިވެހި ޒުވާނުން އެއްބައިވަންތަކޮށް ގުޅުވައިދޭ ފާލަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ފަދައިން އިންސާނީ ހިދުމަތްކުރުމަށް، ސްކައުޓް ހަރަކާތުން ދޭ އަހުމިއްޔަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ސްކައުޓުންގެ ހިތްތަކުގައިވާ، އިންސާނިއްޔަތަށް އަދި ހިލޭ ސާބަހަށް ހިދުމަތް ކުރުމާއި، ކަންކަމުގައި އިސްނެގުމާއި، ހުޝިޔާރުކަމާއި، ހިންގުންތެރިކަމުގެ ރޫޙަކީ މުޅި މުޖުތަމައުއަށް ދައްކައިދޭ ހަރުދަނާ ނަމޫނާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހުދު އެމަނިކުފާނުގެ ތައުލީމީ ހަޔާތްޕުޅުގައި ސްކައުޓް ހަރަކާތުން ލިބިވަޑައިގެންނެވި ހުނަރާއި ތަޖުރިބާއިން، އެމަނިކުފާނަށް ލިބިވަޑައިގެންނެވި އިބުރަތްތަކަށްވެސް މި މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މި ހާއްސަ މުނާސަބަތުގައި ރައީސް ވަނީ، ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި ކުރިއަށްގެންދެވުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި މި ވޭތުވެ ދިޔަ 70 އަހަރު، ރާއްޖޭގައި ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި އަދި މިހާރުވެސް އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުންގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ސްކައުޓް އާއިލާއަށް އެމަނިކުފާނު ވަނީ ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ސްކައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި އަހުވަންތަކަމުގެ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ޖަމާއަތަށް ހިދުމަތް ކުރުމުގެ ރޫޙު އިތުރަށް އުފެދިގެން ދިޔުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުއާ ކުރައްވަމުންނެވެ.

މި މުނާސަބަތުގައި ރައީސް ވަނީ، އެކްސްގައިވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ‏ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ، ގައުމު ފަހުރުވެރިވާ ހިދުމަތެއް ކަމަށާއި ސްކައުޓް ހަރަކާތަކީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތް ކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ‏މި ހަރަކާތުން ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް އުނގަންނައިދީފައިވާކަމާއި ހަރުދަނާ ދަރިންތަކެއް ގައުމަށް ބިނާކޮށްދީފައިވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް މިއަދު ވަނީ އެމަނިކުފާނުގެ މަދަރުސީ ހަޔާތުގައި ކަބްސް ސްކައުޓް އަދި ސްކައުޓް ހަރަކާތުގެ މާޒީގެ ދެ ފޮޓޯފުޅެއް ހިއްސާކުރައްވާ އިންސްޓަގްރާމް ޗެލެންޖެއްވެސް ފައްޓަވާފައެވެ.

އެގޮތުން އެމަނިކުފާނުގެ މި ފޮޓޯފުޅުތަކާއެކު “ލެޓްސް ސީ ދި ސްކައުޓް އިން ޔޫ” ގެ ނަމުގައި މި ފެއްޓެވި ޗެލެންޖުގެ ތެރެއިން އެމީހެއްގެ އަމިއްލަ އެކައުންޓުގައި ސްކައުޓް ހަރަކާތުގެ އެމީހެއްގެ މާޒީގެ ހަނދާން އައުކޮށް ފޮޓޯ ޕޯސްޓްކުރުމަށް އެމަނިކުފާނުގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.