މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެއެވެ.

ހިމަބިއްސަކީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެކެވެ.

މާލެ ސަރަހައްދުން ހިމަބިހީގެ ނުވަ ކޭސް ފެނިފައިވާއިރު، އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކޮށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ބަލި ޖެހުނު މީހުންނާ ގާތްގުޅުން އޮތް ފަރާތްތަކުގެ އިތުރުން، މުޅި އާންމު ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން މިހާރު ކުރަމުންދަނީ ރާއްޖެއިން ބޭރުން ވެކްސިން ގެނައުމުގެ މަސައްކަތެވެ.

ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ދެ ޑޯޒް ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިންގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވެ ފުރާނައަށް ގެއްލުންވުމުން ސަލާމަތްކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.