ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ ކަންކަން ކޮށްފައިވާ ކަމުގައެވެ.
އެގޮތުން، ޖެނެރޭޝަނަލް ބޭންއެއް ތައާރަފުކޮށް އެ ތަންފީޒު ކުރުން ހިމެނޭ ކަމަށާއި، ވޭޕް ބޭނުން ކުރުން މަނާ ކުރުމަކީ ވެސް، ރާއްޖެ ފަދަ ކުޑަ ގައުމަކުން، ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ގީލާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އަންނަ ހިރާސްތަކާ ގުޅޭ މައްސަލަތަކުގައި ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމުގެ ކެމްޕެއިން ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމީ، އެފަދަ ބޮޑު ކަމެއް ކުރު މުއްދަތުގެ ތެރޭގައި ހާސިލު ނުކުރެވޭނެތީ ކަމަށާއި، މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ރައްޔިތުންނާއި ސަރުކާރާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން ވަަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ދޭތަން މީގެ ކުރިން ވެސް ފެނިފައިވާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.

