ސިނގިރޭޓު ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަ ކުރުމަށް މަޝްވަރާ ކުރާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ލަފަޔާއެކުގައި ސަރުކާރުން ނިންމާ ނިންމުމެކެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އޭރު އެ ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ޑިއުޓީ އަށް ބަދަލު ގެންނަން ވިސްނާފައިވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށާއި އެއަށް ފަހުގައި، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ ކަމަަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިފަދަ ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ ކަމަށާއި، ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޑަބްލިޔުއެޗްއޯއިން ހެދި ދިރާސާއަކަށް ފަހުގައި ލަފާ ދިނީ 2026 ވަނަ އަހަރަށް ސިނގެރޭޓުގެ ސްޕެސިފިކް ރޭޓު 4 ރުފިޔާގައި ބެހެއްޓުމަށް ކަމަށާއި، ޑިއުޓީ ރޭޓު 8 ރުފިޔާއަށް ބޮޑު ކުރުމަށް ސަރުކާރުން އޭރު ނިންމީ އުނދަގޫ ނިންމުމެއް ކަމަށެވެ.