ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް ގައުމީ ކެމްޕެއިނެއް ފެށުމަކީ ވަރަށް ހަރުދަނާ، އަދި ރަނގަޅު ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދުންފަތް ބޭނުންކުރާ މީހުން މަދު ކުރުމަށް ފެށި މި ކެމްޕެއިންގެ ތެރެއިން އެކި ދައިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ތައުލީމީ ދައިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދައިރާގެ އިތުރުން ޖަމީއްޔާ ޖަމާއަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގުމާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި ކެމްޕެއިނާ ގުޅިގެން މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިފަދަ ކަންކަމުގެ އިސްލާހު ފެށިގެން އަންނަން ވާނީ، އެކަމުން ލިބޭ ގެއްލުމާމެދު ވިސްނުވައި ދިނުމާއި، އެކަމުން ދުރުވުމަށް އެހީތެރިވުމާއެކު، އެ ކަމުން ދުރުވުމަށް ހިތްވަރު ދިނުމުގެ ތެރެއިން ކަމަށެވެ.

އަދި މިއީ މިފަދަ ކަންކަމުން ދުރުވުމަށް އިސްލާމީ ޝަރީޢަތުގައި ވެސް އޮންނަ މަތިވެރި އުސޫލެއްކަން ޝަހީމް ފާހަގަކުރެއްވިއެވެ.

”ސިއްހަތާ ގުޅޭ މިފަދަ ޤައުމީ ޝާމިލް އިސްލާހީ މަސައްކަތެއް ކުރިއަށް ގެންދަވާތީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ހިތްވަރުދީ ޝުކުރު ދަންނަވަން.“ މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދު ކުރުމަށް ސަރުކާރުން މިއަދު އިފްތިތާހު ކޮށްފައިވަނީ، ފަސް އަހަރު ދުވަހުގެ ކެމްޕެއިނެކެވެ.