ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ.
އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ވަނީ ނިންމަވާފައެވެ.
އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި ރައީސް ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް މިރޭ އަނބުރާ ފޮނުއްވާފައެވެ.

