ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާ ލިބިއްޖެއެވެ.
މިއަދު ފަތިހު 5:45 ހާއިރު، ކ.ގުޅިފަޅު ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ލޯންޗަށް ބޮޑު ގެއްލުންތަކެއް ވެފައިވާ އިރު، އޭގެން ދަތުރުކުރި ދެ މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެމްއެންޑީއެފުން ބުނީ ދެ މީހުންނާއެކު ދަތުރުކުރި ”ޓުއާ ގާޑް“ ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށް ދޭން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާވި ދެމީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ، އައިޖީއެމްއެޗުގެ އީއާރުގައެވެ.
މި ހާދިސާގައި ހިމެނޭ ލޯންޗަކަށް ބޮޑެތި ގެއްލުންތައްވެފައިވެއެވެ. އަދި އެކްސިޑެންޓުވި އަނެއް ލޯންޗު މަޑު ނުކޮށް ފިލީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

