އިންޑިއާގެ އުއްތަރުޕްރަދޭޝް(ޔޫޕީ)ގެ ފީރޯޒްއާބާދަށް ނިސްބަތްވާ ފިރިހެނަކު ކައިވެނި ކުރަން ހުށަހެޅި އަންހެންމީހާ އެކަމަށް ދެކޮޅު ހެދުމުން، އެ އަންހެން މީހާގެ ކުޑަ ދަރިފުޅު އަނިޔާވެރިކޮށް މަރާލައިފިއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 24 އަހަރުގެ ޖިތެންދްރާ ޕަތަކް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހިތާވެގެން އުޅުނީ އުމުރުން 24 އަހަރުގެ ރީތާ ދޭވީ ކިޔާ ޓީޗަރަކާއެވެ.
ޖިތެންދްރާ އެކި ފަހަރު މަތިން ކައިވެނި ކުރަން އެހުމުން ވެސް ރީތާ ވަނީ އެކަމަށް އިންކާރު ކޮށްފައެވެ.
ކުށަށް އިއުތިރާފުވުމަށްފަހު، ޖިތެންދްރަ ބުނިގޮތުގައި، ރީތާ ކައިވެނި ކުރަން ދެކޮޅު ހަދަމުންދިޔައީ، އުމުރުން ދެ އަހަރު ވެސް ނުވާ އާރަވް ހުރުމުން ކައިވެނި ނުކުރެވޭނެ ކަމަށް ބުނެއެވެ.
އެހެންވެ، ދެ މީހުންގެ ކައިވެންޏަށް ހުރަހަކަށްވި ކުއްޖާ މަރާލީ ކަމަށް އޭނާ ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ. އާރަވް މަރާލިއިރު، ރީތާ އުޅެމުން ދިޔައީ، އޭނާގެ ފިރިމީހާއާ މައްސަލަ ޖެހި، އަމިއްލަ މައިންބަފައިންނާ އެކީގައެވެ. އަދި އޭނާ ދިޔައީ ފިރިމީހާ ކައިރިން ވަރިވުމަށް މަސައްކަތް ކުރަމުންނެވެ. ޖިތެންދްރާ އަކީ އެކަމުގައި ރީތާއަށް އެހީވަމުން ދިޔަ މީހެކެވެ.
އާރަވް މަރާލި ދުވަހު ޖިތެންދްރަ އެ ކުއްޖާ ގޮވައިގެން ދިޔައީ ޓޮފީ ގަނެދޭނެ ކަމަށް ބުނެއެވެ. ނަމަވެސް މީހުން ނެތް މަގަކަށް ވަދެވުމާއެކު، އެތައް ފަހަރަކު އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި، ރަހުމުކުޑަކޮށް މަރައިލީއެވެ. މި މަންޒަރު އެ ހިސާބުގައި ހުރި ގެތަކުގައި އުޅުނު ބައެއް މީހުންނަށް ފެނިފައިވާއިރު، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކަށް ވެސް މަންޒަރު ރީއްޗަށް އަރައިފައިވެއެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ފިލާ އޮއްވައެވެ.
ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ފުލުހުންނާ ކުރިމަތިލައި، ބަޑިން ހަމަލާ ދީފައެވެ. އެހެންވެ، ފުލުހުން އޭނާ ހައްޔަރު ކުރީ ދިފާއުގައި، އޭނާގެ ފަޔަށް ބަޑި ޖަހައިގެންނެވެ.
ކުޑަ ކުޑަ އާރަވް މަރާލި ޖިތެންދްރާއަށް އެންމެ ހަރުކަށި އަދަބު ދިނުމަށް، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ގޮވައިލަމުންނެވެ. އަދި އޭނާގެ މައްޗަށް ޝަރީއަތް ވެސް ނުހިންގައި، އެ ކުއްޖާ މަރާލި ގޮތަށް އަނިޔާކޮށް މެރުމަށް ވެސް ގިނަ ބަޔަކު ގޮވައިލައިފައިވެއެވެ.

