ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފިއެވެ.

ސަލީމު އެ މަގާމަށް ހޮވިވަޑައިގަތީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.

ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ، އަދި ތަޖުރިބާ ލިބިވަޑައިގެންހުންނެވި އެއް މެންބަރެވެ.

އޭނާއަކީ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުވެސް މެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބު ކުރީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ނާޒިމް އިސްތިއުފާ ދެއްވިއިރު، އޭނާ އެ މަގާމުން ވަކިކުރުމަށް ޕީއެންސީން އޮތީ މައްސަލަ ހުށަހަޅައިފައެވެ. ނާޒިމް އިސްތިއުފާ ދެއްވީ، އެ މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.