މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެއް މިލިއަން ރުފިޔާގެ އިނާމަކާއެކު ހުޅުމާލެ ފޭސް ޓޫގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

Ads by Asuru

ހުޅުމާލެ ފޭސް ދޭއްގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައިއެވެ.  ތަފާތު މޮޅެތި ހިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.

މި މުބާރާތުން އެއް ވަނައަށް ދާ ފަރާތަކަށް ހަތް ލައްކަ ރުފިޔާ ލިބޭއިރު ދެ ވަނަ އަށް ދާ ފަރާތަކަށް ހަމަޖެހިފައިވަނީ ދެ ލައްކަ ރުފިޔާ އަދި ތިން ވަނަ އަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.