ރާއްޖޭގެ ރަށެއްގައި، ދަރިވަރުންނަށް ޖިންސީ ގޯނާކުރި ޓީޗަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
މިއީ 2020 ވަނަ އަހަރުގެ ފަހުކޮޅު، މެދު ރާއްޖެތެރޭގެ ބޮޑު ރަށެއްގައި، އެ ރަށުގެ ސްކޫލުގެ ޓީޗަރަކު، ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.
ސްކޫލުގެ ދަރިވަރުންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެ ޓީޗަރު ވަޒީފާއިން ވަކިކުރުމުން، ޓީޗަރު އެ މައްސަލަ ހުށަހެޅީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއިން ވަކިކުރުމުގެ ކުރިން އެ ޓީޗަރު ސަސްޕެންޑް ވެސް ކުރިއެވެ.
ޓީޗަރު ސަސްޕެންޑްކޮށް އަދި ފަހުން ވަޒީފާއިން ވަކިކުރި މި މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޓީޗަރާ އެއްކޮޅަށެވެ. މައްސަލަ ޓީޗަރާ އެއްކޮޅަށް ނިންމުމުން، ސިވިލް ސާވިސް ކޮމިޝަނުން އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުން އިއްޔެ މި މައްސަލަ ނިންމި އިރު މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ ޓީޗަރު ހުށަހެޅި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އެ ނިންމުން ބާތިލު ކުރިއެވެ.
އެނގިފައިވާ ގޮތުގައި އެ ޓީޗަރަކީ މިހާރު އެ ހާދިސާ ހިނގި ރަށުގެ ކައުންސިލްގެ އިދާރީ އެންމެ އިސް މުވައްޒަފެވެ.

