ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މަނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެންމެ ގިނަވެގެން އަހަރެއްގެ ތެރޭގައި، އޮސްޓްރޭލިއާގައި އޮތްފަދަ ނިޒާމެއްގެ ދަށުން މިކަން ރާއްޖޭގައި ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ސިވިލް ސޮސައިޓީތަކާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި، ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ވަރަށް ޒުވާން ކުދިން ނުރަނގަޅު ކަންކަމުގެ ތެރެއަށް ވަންނަމުންދާއިރު، ”ސައިބަރ ބުލީން“ އަދި ”އޮންލައިން ގްރޫމިން“ އަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބަލަނީ، އިސްލާމްދީނާއި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެކަންކަން ކުރުމަށް ކަމަށާއި، އެގޮތުން މިއަދާ ހަމައަށް އައިއިރު، ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ޒުވާން ކުދިންގެ ރައްކާތެރިކަމަށްޓަކައި، މައިންބަފައިންގެ ކަންބޮޑުވުން ހުންނަ ކަންކަމުގައި ކުރިއަށް އޮތްތަނުގައި ވެސް ކަންކަން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ މަނާ ކުރިއިރު، މެލޭޝިއާގެ އޮންލައިން ސޭފްޓީ އެކްޓް 2025 ގެ ދަށުން އެކުލަވާލާފައިވާ ޗައިލްޑް ޕްރޮޓެކްޝަން ކޯޑު (ސީޕީސީ) އަށް މިއަދު އަމަލުކުރަން ފެށުމާއެކު، އެ ގައުމުގައި ވެސް، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މިވަނީ މަނާވެފައެވެ.

މެލޭޝިއާގައި މި ގަވައިދާ ހިލާފުވާ ޕްލެޓްފޯމުތަކަށް އޮންލައިން ސޭފްޓީ އެކްޓް 2025 ގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެއެވެ.