ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ނާޒިމްއާ ދައްކަވާނެ ވާހަކައެއް، އަދި ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނިމިދިޔަ އަޟްހާ އީދު ޗުއްޓީގައި އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން، ނާޒިމްއާ ބައްދަލުކުރައްވައި ”ނެގޯޝިއޭޓް“ ކުރެއްވި ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންދަނިކޮށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ދެ ދަރިންނާއެކު ކަމަށާއި، އެއީ ކުއްލިއަކަށް ރޭވި ދަތުރެއް ނޫން ކަމަށެވެ. އެއީ މާ ކުރިން ރާވާފައިވާ ޗުއްޓީ ދަތުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ދޮގު ހެދުމުގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށާއި، ސިޔާސީ ބައެއް ފަރާތްތަކުން މިހާރު ދޮގު ހަދަމުންދަނީ އަމިއްލައަށް ފަޟީހަތްވެގެންދާއިރު އެކަމަށް ވެސް ބެލުމެއް ނެތި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކުރީ ޒަމާނުގައި އުޅޭ ވާހަކަ ކިޔާދޭ މީހުން ފަދައިން ސިޔާސީ ފަރާތްތަކުން ދޮގު ހަދަމުންދާ ޒަމާނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެހެންވެ، ރާއްޖޭގައި ޒިންމާދާރު އިދިކޮޅެއް ނެތް ކަމަށް ވިދާޅުވަމުން ގެންދެވި ވާހަކަ ތަކުރާރު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ވެސް ދޮގު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހެޅީ، މަޖިލީހުގެ މަސްލަހަތު ނަގައިލަން އުޅުއްވުމުންނެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި 2024 ގައި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ.

