އިއްޔެ ހެނދުނު ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި ވަނީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަހަމްވި މި ނުރައްކާތެރި ބިންހެލުމުގެ ހަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

